ޖުމްހޫރީޕާޓިގެ ފަރާތުން ރައްޔަތުންގެ މަޖްލީހުގެ މެންބަރު މުހައްމަދު ސަލީމް ހުށަހެޅި ޤަރާރު

އާބާދީމަދު ޤުދުރަތީ ވަޞީލަތްތައް ފަޤީރު ޤައުމަކަށް ދިވެހިރާއްޖެ ވީހިނދު، އަދި ޤައުމުގެ އިޤްތިޞާދި މިނިވަންކަން ދިފާޢުކޮށް، ޙިމާޔަތްކޮށް ދަމަހައްޓާ، ޤައުމުގެ އެއްމެހާ ރައްޔަތުންގެ ލާބަޔާއި މަންފާއަށް ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުން ސަރުކާރާއި ދައުލަތުގެ އަސާސީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭހިނދު، ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތައް ރާވައި، އެކަށަހަޅާ ތަންފީޛުކުރަންވީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުމެއްނުވެ، އެމިނިވަންކަން އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ނުފޫޒުތަކާއި ބަނދެވުންތަކުން އެއްކިބާވެ، ސަލާމަތްކަންމަތީ ރައްދުކުރެވޭނެ ގޮތެއްގައިކަމަށް މިމަޖިލީހުން ދެކޭހިނދު، ޤައުމުގެ އިޤްތިޞާދީ ސިޔާސަތުތައް ރާވާ އެކަށަހަޅާ ތަންފީޛު ކުރުމުގައި މިޤަރާރުގައި މިބަޔާންކުރާ ކަންތައްތަކަށް ސަމާލުވެ، އެއިންކަމަކާ ތަޢާރުޟް ނުވާނެގޮތެއްގެމަތިން އެކަންކަންކުރުމަށް ދިވެހި ސަރުކާރަށް ލާޒިމުކުރުވުމަށް މިމަޖިލީހުން އިޤްރާރު ވަމެވެ.

1 . ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތަތަކުގެ ތެރޭން ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި، ޤައުމުގެ އިޤްތިޞާދު ދައުރު ކުރުވުމަށް ކޮންމެހެން ބޭނުންވާ އަދި ދަމަހައްޓަންޖެހޭ ވިޔަފާރިތަކާއި، ޚިދުމަތްތައް ބިދޭސީ ޤައުމަކާ ނުވަތަ ބިދޭސީ މީހަކާ ނުވަތަ ބިދޭސީ ބަޔަކާ ނުވަތަ ބިދޭސީ ކުނަފުންޏަކާ ނުވަތަ ބިދޭސީ ޖަމާޢަތަކާ ނުވަތަ ބިދޭސީ ބައެއްގެ ޙިއްޞާ އޮންނަ ދިވެފިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނަޏަކާ، ނުވަތަ ޕާޓްނާޝިޕަކާ ނުވަތަ ޖަމާއަތަކަށް ވިޔަފާރީގެ އުޞޫލުން ނުވަތަ އެހެން އުޞޫލަކުން ނަމަވެސް ދީގެންނުވާނެއެވެ.

2 . އިސްވެބުނެވުނު އިޤްތިޞާދީ ޙަރަކާތްތަކާއި، ވިޔަފާރިތަކާއި، ޙިދުމަތްތަކުގެ ތެރޭގައި މިވަގުތަށްހިމެނޭނީ ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކެވެ.

3 . އިސްވެބުނެވުނު ޚިދުމަތް ތަކުގެތެރޭން ޚިދުމަތެއް ދިނުމުގައި ދިވެހިސަރުކާރުން ނުވަތަ ސަރުކާރުގެ ބައިވެރިވާ ކުންފުންޏަކުންވިޔަސް، ބޭރުގެ ފަރާތަކަށް މިއިންތަނެއްގެ ޙިއްޞާއެއް ވިއްކާ އަދި ސަބުލީޒެއްކޮށް ނުވަތަ މެނޭޖްމަންޓް އެގްރީމެންޓެއް ވިޔަސް، ކޮށްދީގެން ނުވާނެއެވެ.