އިންޑިޔާގެ މިނިވަންކަމުގެ ބާނީ އުފެއްދެވި ޕާޓީގެ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީން ބައިވެރިވެއްޖެ
މި ކޮންގްރެސްގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން، މޫސާ އަންވަރު ވިދާޅުވީ ނޭތާޖީ ސުބާސް ޗަންދުރަބޯސް އަކީ އިންޑިޔާގެ މިނިވަންކަމުގެ ބާނީ އެއްކަމަށް ގިނަ ދިވެހިންނަށް ނޭގޭ ކަމަށާއި، ނޭތާޖީ ސުބާސް ޗަންދުރަބޯސް އުފެއްދެވި ޕާޓީގެ މާޒީ އިން ސާބިތުވާ ގޮތުގައި ރައްޔިތުންނަށް ނަނާ ހުވަފެން ދައްކައި އޮޅުވާލައިގެން އިންތިޚާބު ކާމިޔާބު ކުރުމަށްވުރެ ނޭތާޖީ ސުބާސް ޗަންދުރަބޯސްގެ ފިކުރާއި ހިޔާލާއި ސިޔާސަތު ދެމެހެއްޓުމަށް އިޚްލާސްތެރިކަމާއި އެކު އެޕާޓީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަވާ ކަމަށެވެ. އަދި ދުނިޔެ ބަދަލުވެފައިވާ ކަމަށާއި، ޒަމާނީ ބަދަލާއި އެކު ރައްޔިތުންނަށް ސިޔާސަތު ފޯރުކޮށްދީގެން، ހެދޭ ގޯސް ތަކުރާރުނުކޮށް، އިންޑިޔާގެ ރައްޔިތުންނަށް އަރާމު ދިރިއުޅުމެއް ހޯދައިދީ، އިންޑިޔާގެ ހާރިޖީސިޔާސަތު ހަރުދަނާ ކޮށް، ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި، އޭ.އައި.އެފް.ބީގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަކޮށް، ނޭތާޖީ ސުބާސް ޗަންދުރަބޯސްގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް އާ އަޒުމަކާއި އާހިތްވަރަކާއެކު މަސައްކަތް ފެށުމަށް، މޫސާ އަންވަރު އިލްތިމާސްކުރެއްވިއެވެ.
ޗައިނާއާއި އުތުރު ކޮރެއާ އާއި، ސާކްގެ ހުރިހާ ޤައުތަކުގެ އިތުރަށް 10 ޤައުމަކުން މަންދޫބުން ބައިވެރިވި އޭ.އައި.އެފް.ބީ ގެ 16 ވަނަ ކޮންގްރެސްގައި ޑްރާމާއާއި، ފޮޓޯ މައުރަޒަކާއި، އެނޫން ވަސީލަތްތަކުގެ ޒަރީއާއިން ނޭތާޖީ ސުބާސް ޗަންދުރަބޯސްގެ ހަޔާތާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ބަރުމާގެ އިދިކޮޅު ލީޑަރ އަން ސަންސޫޗީ ދޫކޮށްލުމަށް ގޮވާލައި އިޤުރާރުވެފައިވެއެވެ.
ނޭތާޖީ ސުބާސް ޗަންދުރަބޯސް އަކީ އިންޑިޔާގެ މިނިވަންކަމުގެ ބާނީއެކެވެ. އިނގިރޭސީންގެ އަތްދަށުގައި އިންޑިޔާ އޮތް އިރު 11 ފަހަރެއްގެ މަތީން ނޭތާޖީ ސުބާސް ޗަންދުރަބޯސް ޖަލަށްލައި އަނިޔާ ކުރުމާއި ގުޅިގެން، ޤައުމު ދޫކޮށް ބޭރަށްގޮސް އިންޑިޔާއިން ބޭރުގައި ސަރުކާރެއް އެކުލަވާލާއި، އިންޑިޔަން ނެޝަނަލް އާރމީ އުފައްދަވައި، އިނގިރޭސިންގެ އަތްދަށުން އިންޑިޔާ މިނިވަން ކުރުމަށް ހަނގުރާމަ ފެށިއެވެ. ނޭތާޖީ ސުބާސް ޗަންދުރަބޯސް އުފެއްދެވި އިންޑިޔަން ނެޝަނަލް އާރމީގެ އަދަދު 000،43 (ސާޅީސް ތިންހާސް) އަށް އަރައިގެން ދިޔައެވެ. އޭނާއަކީ އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަން ކުރުމުގައި މަހާތުމާ ގާންދީއާއެކު އެންމެ އަރިހުގައި މަސައްކަތް ކުރެއްވި، އިންޑިޔާގެ އެންމެން ޤަދަރު ކުރާ ލީޑަރެކެވެ. އިންޑީއަން ނެޝަނަލް ކޮންގްރެސްގެ ރައީސްކަން ދެދައުރު އަދާ ކުރެއްވިއެވެ. އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަން ކުރުމުގައި، ދޫދީގެން ލަސްލަހުން އެކަން ހާސިލްކުރަން މަހާތުމާ ގާންދީ ބޭނުންފުޅު ވިޔަސް އެގޮތަށް އެކަން ކުރުމާއި ނޭތާޖީ ސުބާސް ޗަންދުރަބޯސް ހިޔާލު ތަފާތުވެ، އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީ އިން ވަކިވެ އޯލް އިންޑިޔާ ފޯވާޑް ބްލޮކް ގެ ނަމުގައި ސިޔާސީ ޕާޓީއެއް ޤާއިމް ކުރެއްވިއެވެ.

