ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕީއޭގެ ލީޑަރު ހައްޔަރު ކުރީ ސިޔާސީ ގޮތުން ބިރުދައްކަން

ދިވެހި ސަރުކާރުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި، ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް އާއި ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރެއްވީ، ޤާނޫނުއަސާސީގެ ރޫޚާ ޚިލާފަށް އަދި ޤާނޫނުއަސާސީން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ އަސާސީ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް އިޚްތިރާމް ކުރެއްވުމެއްނެތި، ސިޔާސީ ގޮތުން ބިރުދައްކައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކަމަށް މިޕާޓީން ދެކެމެވެ.
ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިސަރުކާރުގެ މިޢަމަލު، އެންމެ ހަރުކަށި އިބާރާތުން، ޖުމްހޫރީ ޕާޓީން ކުށްވެރި ކުރަމެވެ.
އަދި ދިވެހި ރައްޔިތުން ސަރުކާރު ހިންގެވުމުގެ މަސްޢޫލިއްޔަތު ހަވާލުކުރުމުން، އެމަސްއޫލިއްޔަތު އަދާނުކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، ވަޒީރުކަމުން އެއްފަހަރާ އިސްތިއުފާދެއްވައި، މަގުތަކަށް ނިކުމެވަޑައިގެން، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ނިޒާމް ބަދުނާމު ކުރައްވަމުން ކުރިއަށް އެގެންދަވާ ޢަމަލުތަކަކީ، ޒިންމާދާރުކަން އެއްގޮތަކަށްވެސް ނެތް އަދި ދިވެހި ޤައުމު ފަސާދަ ވާފަދަ، ކަމެއް ކަމަށް މިޕާޓީން ދެކެމެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަލްފާޟިލް ޤާސިމް އިބްރާހީމް ހައްޔަރުކުރުމަށް މިސަރުކާރުން ކުރި މަސައްކަތުގައި، ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ދިވެހި ޤައުމީ ޕާޓީގެ ރައީސް ޑރ.ޙަސަން ސައީދާއި އެޕާޓީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އަދި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރާއި، ކައުންސިލް މެންބަރުންނާއި ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި، އެބޭފުޅުންނަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.