އެއަރޕޯޓްސް ކޮމްޕެނީ ބޭރުގެ ފަރާތަކަށް ދޫކުރުމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި

ދިވެހި ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބަލަހައްޓާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ބޭރުގެ ފަރާތަކަށް ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އެކަމާ ދެކޮޅުހެދުމަށް ގުޅިފައިވާ ބަޔާނެއް ނެރުމަށާއި، އެކަމާ އިހުތިޖާޖުކޮށް ރައްޔިތުންނަށް ކަމުގެ ހުރި ނުރައްކާތެރިކަން ތަފްސީލުކޮށްދިނުމަށް ޚާއްސަ އެއްވުމެއް ބާއްވާ ގޮތަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީން މިގޮތަށް ފާސްކޮށްފައިވަނީ 22 ޖޫން 2010 ވީ އަންގާރަ ދުވަހުގެރޭ ބޭއްވި ޖުމްހޫރީ ޕާޓީގެެ ޤައުމީ ހިންގާ ކޮމިޓީގެ 27 ވަނަ ބައްދަލުވުމުންނެވެ.
މިގޮތުން ޖުމްހޫރީ ޕާޓީން މިހާރު ދަނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން، އެއަރޕޯޓްސް ކޮމްޕެނީ ބޭރުގެ ފަރާތަކަށް ދޫކުރުމާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ހަރަކާތް އިންތިޒާމް ކުރަމުންނެވެ.