އެމްޑީޕީ އިން ވަގު ފޯމު ހުށަހަޅައިގެން ޖުމްހޫރީ ޕާޓީ މެންބަރުންގެ ރަޖިސްޓްރީ ބަދަލުކުރާ މައްސަލަ ކުށްވެރިކުރުން
JP-NB/2010/002
ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ނޭނގި އެމެންބަރުންގެ ސޮއި އަދި ފިންގަރ ޕްރިންޓް ހިމަނައިގެން، އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހަޅައިގެން، އެމްޑީޕީއަށް ޖުމްހޫރީ ޕާޓީގެ މެންބަރުން ބަދަލުކުރަމުންދާތީ، ޖުމްހޫރީ ޕާޓީން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
މިޕާޓީއަށް މިކަން އެނގުނީ، 28 ޖޫން 2010 ގައި އިލެކްޝަންސް ކޮމިޝަނުން ފޮނުއްވި ނަންބަރު DC) 38-EA/JP-AR/2010/98) ސިޓީއާއެކު ހިމެނޭ ލިސްޓުގައި، އެމްޑީޕީ މެދުވެރިކޮށް ފޯމު ހުށަހަޅައިގެން ޖުމްހޫރީ ޕާޓީން ވަކިވެފައިވާ ކަމަށްބުނެފައިވާ މީހުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުންދާ ބައެއް ބޭފުޅުން ހިމެނޭތީ، އެބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުންނެވެ.
އަދި މިމައްސަލައިގައި ޖުމްހޫރީ ޕާޓީން ޝަކުވާ ހުށަހެޅުމުން، އެމައްސަލަ ބަލަމުންދާ ކަމަށާއި، އެބޭފުޅުންގެ ނަން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ރަޖިސްޓަރީގައި އަލުން ހިމެނުމުގެ މަސައްކަތް ކުރިއަށް ދާވާހަކަ އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ މިޕާޓީއަށް އަންގާފައެވެ. މި މަކަރާއި ޚީލަތުގައި ބައިވެރިވި ފަރާތްތަކާއިމެދު އަވަސް ގޮތެއްގައި ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ޖުމްހޫރީ ޕާޓީން ގޮވާލަމެވެ.
ޑިމޮކްރަސީގެ ނަމުގައި ކޮރަޕްޝަން ހުއްޓުވުމަށް އަޑުއުފުލަމުންދާ އެމްޑީޕީއިން، މިފަދަ ގޮތަކަށް ވަގު ފޯމު ހުށަހަޅައިގެން އެޕާޓީއަށް މެންބަރުން އިތުރުކުރުމަކީ، ވަރަށް ނާތަހުޒީބީ ޢަމަލެކެވެ. މިފަދަ ކަންތައް ތަރުކާރު ނުކުރުމަށް އެމްޑީޕީ އަށް ގޮވާލަމެވެ.
އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެންމެހާ ލޮބުވެތި ރައްޔިތުން މިކަމަށް ސަމާލުވެ، އެބޭފުޅެއްގެ ރަޖިސްޓްރީ އޮތީ އަމިއްލަ އިޚްތިޔާރުގައި ސޮއިކޮށްފައިވާ ޕާޓީގަތޯ ޔަޤީން ކުރެއްވުމަށް އެދި ދަންނަވަމެވެ.

