ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓު ބޭނުންވާ މެންބަރުންނަށް ފުރުޞަތު ހުޅުވާލުން

ތާރީޚް:2އޯގަސްޓް 2010 ނަންބަރު:JP-IU/2010/001 ނޫސްބަޔާން އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވަން ބޭނުންވާ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް އެފުރުސަތު ހުޅުވާލައިފީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ޖުމްހޫރީ ޕާޓީގެ މެންބަރުން 19 އޯގަސްޓް 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން މިޕާޓީގެ މައި އިދާރާ (މ.ޗަބޭލީގެ 3 ވަނަ ފަންގިފިލާ) އަށް އެންގެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ފޯން 3305549 އަށް ގުޅުއްވުން އެދެމެވެ.

އެމްޑީޕީ އިން ވަގު ފޯމު ހުށަހަޅައިގެން ޖުމްހޫރީ ޕާޓީ މެންބަރުންގެ ރަޖިސްޓްރީ ބަދަލުކުރާ މައްސަލަ ކުށްވެރިކުރުން

JP-NB/2010/002 ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ނޭނގި އެމެންބަރުންގެ ސޮއި އަދި ފިންގަރ ޕްރިންޓް ހިމަނައިގެން، އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހަޅައިގެން، އެމްޑީޕީއަށް ޖުމްހޫރީ ޕާޓީގެ މެންބަރުން ބަދަލުކުރަމުންދާތީ، ޖުމްހޫރީ ޕާޓީން އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. މިޕާޓީއަށް މިކަން އެނގުނީ، 28 ޖޫން 2010 ގައި އިލެކްޝަންސް ކޮމިޝަނުން ފޮނުއްވި ނަންބަރު DC) 38-EA/JP-AR/2010/98) ސިޓީއާއެކު ހިމެނޭ ލިސްޓުގައި، އެމްޑީޕީ މެދުވެރިކޮށް ފޯމު ހުށަހަޅައިގެން ޖުމްހޫރީ ޕާޓީން ވަކިވެފައިވާ ކަމަށްބުނެފައިވާ މީހުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުންދާ ބައެއް ބޭފުޅުން ހިމެނޭތީ، އެބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުންނެވެ. އަދި މިމައްސަލައިގައި ޖުމްހޫރީ ޕާޓީން ޝަކުވާ ހުށަހެޅުމުން، އެމައްސަލަ ބަލަމުންދާ ކަމަށާއި، އެބޭފުޅުންގެ ނަން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ރަޖިސްޓަރީގައި އަލުން ހިމެނުމުގެ މަސައްކަތް ކުރިއަށް ދާވާހަކަ އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ މިޕާޓީއަށް އަންގާފައެވެ. މި މަކަރާއި ޚީލަތުގައި ބައިވެރިވި ފަރާތްތަކާއިމެދު އަވަސް ގޮތެއްގައި ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ޖުމްހޫރީ ޕާޓީން ގޮވާލަމެވެ. ޑިމޮކްރަސީގެ ނަމުގައި ކޮރަޕްޝަން ހުއްޓުވުމަށް އަޑުއުފުލަމުންދާ އެމްޑީޕީއިން، މިފަދަ ގޮތަކަށް ވަގު ފޯމު ހުށަހަޅައިގެން އެޕާޓީއަށް މެންބަރުން އިތުރުކުރުމަކީ، ވަރަށް ނާތަހުޒީބީ ޢަމަލެކެވެ. މިފަދަ ކަންތައް ތަރުކާރު ނުކުރުމަށް އެމްޑީޕީ އަށް ގޮވާލަމެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެންމެހާ ލޮބުވެތި ރައްޔިތުން މިކަމަށް ސަމާލުވެ، އެބޭފުޅެއްގެ ރަޖިސްޓްރީ އޮތީ އަމިއްލަ އިޚްތިޔާރުގައި ސޮއިކޮށްފައިވާ ޕާޓީގަތޯ ޔަޤީން ކުރެއްވުމަށް އެދި ދަންނަވަމެވެ.

އެއަރޕޯޓްސް ކޮމްޕެނީ ބޭރުގެ ފަރާތަކަށް ދޫކުރުމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި

ދިވެހި ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބަލަހައްޓާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ބޭރުގެ ފަރާތަކަށް ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އެކަމާ ދެކޮޅުހެދުމަށް ގުޅިފައިވާ ބަޔާނެއް ނެރުމަށާއި، އެކަމާ އިހުތިޖާޖުކޮށް ރައްޔިތުންނަށް ކަމުގެ ހުރި ނުރައްކާތެރިކަން ތަފްސީލުކޮށްދިނުމަށް ޚާއްސަ އެއްވުމެއް ބާއްވާ ގޮތަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕީއޭގެ ލީޑަރު ހައްޔަރު ކުރީ ސިޔާސީ ގޮތުން ބިރުދައްކަން

ދިވެހި ސަރުކާރުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި، ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަލްފާޟިލް ޤާސިމް އިބްރާހީމް އާއި ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރެއްވީ، ޤާނޫނުއަސާސީގެ ރޫޚާ ޚިލާފަށް އަދި ޤާނޫނުއަސާސީން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ އަސާސީ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް އިޚްތިރާމް ކުރެއްވުމެއްނެތި، ސިޔާސީ ގޮތުން ބިރުދައްކައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކަމަށް މިޕާޓީން ދެކެމެވެ. ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިސަރުކާރުގެ މިޢަމަލު، އެންމެ ހަރުކަށި އިބާރާތުން، ޖުމްހޫރީ ޕާޓީން ކުށްވެރި ކުރަމެވެ.

އިންޑިޔާގެ މިނިވަންކަމުގެ ބާނީ އުފެއްދެވި ޕާޓީގެ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީން ބައިވެރިވެއްޖެ

އިންޑިޔާގެ މިނިވަންކަމުގެ ބާނީންގެ ތެރޭގައި ހިމެނޭ ނޭތާޖީ ސުބާސް ޗަންދުރަބޯސް އުފެއްދެވި ސިޔާސީ ޕާޓީ، އޯލް އިންޑިޔާ ފޯވާޑް ބްލޮކް (އޭ.އައި.އެފް.ބީ) ގެ 16 ވަނަ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީން ބައިވެރިވެއްޖެއެވެ. ޑީސެމްބަރ 17 އިން 21 ގެ ނިޔަލަށް އިންޑިޔާގެ ކަލްކަތާގެ ވެސްޓް ބެންގޯލްގައި އޮންނަ އޭ.އައި.އެފް.ބީ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްފާޟިލް މުޙައްމަދު ފިކުރީއާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ޒުވާނުންގެ ލީގުގެ ރައީސް އަލްފާޟިލް މޫސާ އަންވަރު އެވެ.

ޖުމްހޫރީޕާޓިގެ ފަރާތުން ރައްޔަތުންގެ މަޖްލީހުގެ މެންބަރު މުހައްމަދު ސަލީމް ހުށަހެޅި ޤަރާރު

އާބާދީމަދު ޤުދުރަތީ ވަޞީލަތްތައް ފަޤީރު ޤައުމަކަށް ދިވެހިރާއްޖެ ވީހިނދު، އަދި ޤައުމުގެ އިޤްތިޞާދި މިނިވަންކަން ދިފާޢުކޮށް، ޙިމާޔަތްކޮށް ދަމަހައްޓާ، ޤައުމުގެ އެއްމެހާ ރައްޔަތުންގެ ލާބަޔާއި މަންފާއަށް ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުން ސަރުކާރާއި ދައުލަތުގެ އަސާސީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭހިނދު، ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތައް ރާވައި، އެކަށަހަޅާ ތަންފީޛުކުރަންވީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުމެއްނުވެ، އެމިނިވަންކަން އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ނުފޫޒުތަކާއި ބަނދެވުންތަކުން އެއްކިބާވެ، ސަލާމަތްކަންމަތީ ރައްދުކުރެވޭނެ ގޮތެއްގައިކަމަށް މިމަޖިލީހުން ދެކޭހިނދު، ޤައުމުގެ އިޤްތިޞާދީ ސިޔާސަތުތައް ރާވާ އެކަށަހަޅާ ތަންފީޛު ކުރުމުގައި މިޤަރާރުގައި މިބަޔާންކުރާ ކަންތައްތަކަށް ސަމާލުވެ، އެއިންކަމަކާ ތަޢާރުޟް ނުވާނެގޮތެއްގެމަތިން އެކަންކަންކުރުމަށް ދިވެހި ސަރުކާރަށް ލާޒިމުކުރުވުމަށް މިމަޖިލީހުން އިޤްރާރު ވަމެވެ.

ކެމްޕެއިން ޖަގަހަ ހުޅުވައި ދެއްވުން

ކ. ގުރައިގޫ ދާއިރާގެ ކެނޑިޑޭޓް ޢަލީ ޝާހީންގެ ކެމްޕޭން ޖަގަހަތަށް ޕާޓީގެލީޑަރު ޤާސިމް އިބްރާހީމް ހުޅުވައިދެއްވައިފި ކ.އަތޮޅު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްފާޟިލް އަލީ ޝާހީން ، ކ.ގުރައިދޫ އަދި ގުޅީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު 01 މެއި 2009 ވީ ހުކުރުދުވަހު ބާއްވަވައިފިއެވެ. މި ރަސްމިއްޔާތުގައި އަލްފާޞިލް ޤާސިމް ޢިބްރާހީމް އާއި، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެމްބަރު އިސްމާޢީލް އަބްދުލް ޙަމީދުގެ އިތުރުން މިދެރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑާއިގެންނެވިއެވެ. އަދި މިޙަފްލާގައި ޚާއްސަ މެހެމާނާއި ކެނޑިޑޭޓް، ރައްޔިތުންނާ މުޙާތަބުކޮށް ވާހަކަ ދެއްކުން އޮތެވެ. ކެނޑިޑޭޓްގެ ވާހަކަ ފުޅުގައި، ވޯޓު ލުމަކީ އެތައްބައެއްގެ ޙައްޤެއްކަން ހަންދާންކޮށްކުރިމަތި ލައްވާފައިވާ ހުރިހާ ކެނޑިޑޭޓުންގެ ސާފް މަޢުލޫމާތު ރަގަނޅަށް ހޯއްދެއްވުމަށާއި، ކެންޑިޑޭޓުންގެ މާޒީއަށް ނަޒަރުހިންގައި، ނިންމުން ނިންމުމަށްބާރުއެޅުއްވިއެވެ.

ކޮމަންވެލަތު އޮބްޒާވަރުންގެ ޓީމަކާއެކު ޖުމްހޫރީޕާޓީގެ އޮފީހުގައި ބައްދަލްވުމެ ބޭވިއްޖެއެވެ

މި ބައަދަލްވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޕާޓީގެ ލީޑަރު އަލްފާޞިލް ޤާސިމް އިބްރާހިމް އާއި ޕާލިމެންޓް މެމްބަރު އަލްފާޞިލް މުހައްމަދު ޝިހާބު އާއި ކައުންސިލް މެމްބަރު އަލްފާޞިލް އަލީ ޝަރީފް އެވެ. މިބައްދަލްވުން ބޭއްވުނީ 05/05/2009 ވީ ދުވަހު ހަވީރު 17:00 ފެށިގެން 18:35 ށެވެ

ޖުމްހޫރީ ޕާޓީގެ މަޝްވަރާ ބައްދަލްވުމެއް ބޭއްވިޖެއެވެ

ޖުމްހޫރީޕާޓީގެ އޮފީހުގައި 16 މެއި 2009 ވީ ހިނިހިރު ދުވަހގެ ރޭ 21:00 ގައި މަޝްވަރާ ބައްދަލްވުމެއް ބޭއްވުނެވެ. މިބައްދަލު ވުމުގައި ބާއިވެރިވެވަޑައިގަތީ ޖުމްހޫރީޕާޓީގެ ރަސްމީޓިކެޓުގައި މިފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑާއިގެންނެވި ކެންޑިޑޭޓުންނާއި މި ޕާޓީގެ ކައުންސިލް މެންބަރުންނެވެ . މިބައްދަލު ވުމުގައި މަޝްވަރާކުރެވުނީ މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި މިޕަޓީގެ ފަރާތުން ވާދަކުރެއްވެވި ކެންޑިޑޭޓުންނަށް ކުރިމަތިވެވަޑައިގެންނެވި ދަތިފުޅުތަކާއި ބެހޭގޮތުންނެވެ. އަދި މި ބައަދަލުވުމުގައި ޖުމްހޫރީ ޕާޓީ ކުރިއެރުވުމަށްޓަކައި ކުރެވޭނޭ ކަންތައްތަކާއިމެދު ވެސްވަނީ މަޝްވަރާ ކުރެވިފައިވެއެވެ

ޖުމްހޫރީޕާޓީގެ އިސްލާމިކް ވަހުދަތު ލީގްގެ ފަރާތުންއިންތިޒާމް ކޮށްގެން ބާއްވަމުންދާ ދީނީ ނަސޭހަތް ދިނުމުގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެއް ބާއްވައިފި

ޖުމްހޫރީޕާޓީގެ އިސްލާމިކް ވަހުދަތު ލީގްގެ ފަރާތުން ބާއްވަމުންދާ ދީނީ ނަސޭހަތް ދިނުމުގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވައިފައިވަނީ ތިން ބަޔަކަށްބަހައިލައިގެން 17 ސެޕްޓެމްބަރ 2009 ވީ ބްރާސްފަތި ދުވަހު އދ.މާމިގިލީގައެވެ. ހުރިހާ އުމުރެއްގެ މީހުނަށްވެސް ބައިވެރިވެވޭ ގޮތަށް ބޭއްވި މި ބައްދަލުވުންތައް ބާއްވައިފައިވަނީ ސްކޫލުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި އަދި އާންމުކޮށް ރަށުގެ އެންމެހާ ރައްޔިތުންނަށެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވިއެވެ. މިބައްދަލުވުން ތަކުގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އުފެއްދުމުގެ މަޤްސަދުގައި ޖުމްހޫރީ ޕާޓީގެ އިސްލާމީ ވަޙުދަތު ދަމަހަށްޓާ ލީގުގެ ފަރާތުން ކުރިއަށް ގެންދަމުންދާ ސިލްސިލާ ޕްރޮގުރާމެކެވެ.