އާ ރައްޔިތުންގެ މަޖިލީހަކީ، ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޙަޔާތުގައި ވަރަށްމުހިންމު ދައުރެއް އަދާކުރާނެ ރައްޔިތުންގެ މަޖިލީހެއް.
ޒަމާނީ ޒިމޮކްރަސީއެއް އަލަށްއުފެދިފައިވާ މިރާއްޖޭގައި އަލަށް 28 މޭ 2009ގައި އުފެދުނު، އާ ރައްޔިތުންގެ މަޖިލީހަކީ، ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޙަޔާތުގައި ވަރަށްމުހިންމު ދައުރެއް އަދާކުރަންޖެހޭ ރައްޔިތުންގެ މަޖިލީހެކެވެ. މި އާ ރައްޔިތުންގެ މަޖިލީހަކީ، ރާއްޖޭގެ ތާރީޚުގައި އުފެދުނު 17ވަނަ ރައްޔިތުންގެ މަޖިލީހެވެ. ހުރިހާގޮތަކުން ބަލާއިރުވެސް އާ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ތާރީޚީ ރައްޔިތުންގެ މަޖިލީހެއް ކަމުގައި ވާނެއެވެ. މިގޮތުން ބަލާއިރު، މިއާ މަޖިލީހަކީ، ރާއްޖޭގެ ތާރީޚުގައިވެސް ހުރިހާ މެންބަރުންނަކީވެސް ރައްޔިތުން އިންތިޚާބުކުރި މެންބަރުން ކަމުގައި ހިމެނޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހެވެ. އަދި އާބާދީގެ ނިޞްބަތުން މެންބަރުން ހިމެނިވަޑައިގަންނަވާ އަދި އެންމެގިނަ މެންބަރުން ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހަށް ވަނީވެސް މިއާ ރައްޔިތުންގެ މަޖިލީހެވެ. މިގޮތުން ހަތްދިހަހަތް މެންބަރުން މިއާ މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ.

